ނަޝީދުގެ ހައިޖާނު: ނިމުމެއް ނެތް ބަދަލު

ކިޔާލުމަށް ހޭދަވާނެކަމަށް ބެލެވެނީ 8 މިނެޓް

"ބަދަލަކަށް އެންމެން" މިހެން މޭމަތީ ލިޔެފައިވާ ޓީޝާރޓު އަޅުގަނޑުވެސް ލީމެވެ. އެއިރުގެ ބޮޑު ބަދަލުވެގެން އުފަލުން ހީ، ޓަޗު ޖަހާވެސް ހެދީމެވެ. ޒައީމުއާއި ދެބޭފުޅުން ޓީވީއަށްއަރައި، ހެނދުނުގަޑިގައި އެދެއްކި ސަޅިވާހަކަތައް ބަލަން ފޫހިކަމެއްނެތި ހަމަ އިނީމެވެ. އެއިރު އެކެނޑި ސަޅިބައިސާ އެހާވެސް ސަޅިއެވެ.

**ބަދަލުތައް ފެށުނު ބަދަލު **

ކޮންމެއަކަސް ބަދަލުވެއްޖެއެވެ. ރާއްޖެ ބަދަލުވެއްޖެއެވެ. މިނިވަން ވެއްޖެއެވެ. މުޅީން އަލަށް ލައްކަ ކަންކަން ހިނގާން ފަށައިފިއެވެ. ދޭދޭ މީހުން ހޮޅުއަށީގައި ސިޔާސީ ޒުވާބެވެ. ޓެކުސް ނިޒާމެވެ. ވެރިންނަށް ގޮޅާބޮލަށް، ގަންޖާ ބޮލަށް ގޮވުމެވެ. ހިލޭތައުލީމާއި ފޮތާއި، ފަންސޫރެވެ. މިނިވަންވެގެން ދިޔަ ދިޔައިނުން ހަޔާތްކެނޑުމެވެ. އިސްރަށްވެހިންގެ އެލަވަންސެވެ. ގައުމީ ދިދަ ދޫކޮށް ޕާޓީކުލަޔަށް ގައުމު ދެބައިވުމެވެ. އާސަންދަ ނިޒާމުން ހިލޭ ބޭސްފަރުވާއެވެ. ޕޯޑިއަމް ތަކުގައި ހެއްދެވި ނުހެއްދެވިއަށް ގޮވުމެވެ. ބަދަލުވެއްޖެއެވެ. ދައުލަތުގެ ނިޒާމުވެސް ބަދަލުވެއްޖެއެވެ. ތަފްސީލުކިޔަން ފޫހިވާނެތީ ހުރިހާ މުއައްސަސާއެއްގެ ނަން ނުލިޔާން ހިތަމެވެ. އެއިރު އަންނިވެސް ރުހޭގޮތަށް، ހިނގާގޮތަށް ބަދަލު ގެނެސްފިއެވެ. ގެނައީ ހަމަ ދުނިޔޭގައި ނެތްވަރުގެ ނިޒާމެކެވެ. ދައުލަތް ތިންބާރަށް ހަދައި، އެއްބާރު އަނެއްބާރާއި ވަކިކޮށް، އެއްބާރުގެ މައްޗަށް އަނެއްބާރު ފާރަޔަށް ބަހައްޓައި، ދެބާރު ދޭތެރޭގައި ފާރުރާނާ، ރައްޔިތުންގެ ބާރު ބޮޑު ބާރަށް ހަދައިފޫއެވެ. ރަނގަޅަށް އިހުލާސްތެރިކަމާއިއެކު ހިންގައިފިނަމަ ބަރާބަރަށް ބާރަށް ހިނގާނެފަދަ ބީދަޔަކުން މިނިޒާމު އޮތީ ތަރުތީބުވެފައެވެ. ނަމަވެސް ނިޒާމު ހިންގާން ތިބީ ހަސީލަތް ނުބައި އިންސާނުންނަށްވީތީ، ތަރުތީބުކުރި ނިޒާމުގެ ހިތިރަހަ ފުރަތަމަވެސް ލައްވުވާލީ އަންނިގެ ކަރުބުޑުގައެވެ. މަޖިލީހުން އަންނިގެ ކަރަށް ފައިން އަރައި ފިއްތާލިއެވެ. އެއް މިސާލަކީ އިންތިގާލީ ފަނޑިޔާރުގޭގެ މައްސަލައިގައި، އެއިރު ކަންހިނގާދިޔަގޮތެވެ. ހަމަ އިހުތިބި ފަނޑިޔާރުން މުގުރު ހިފައިގެން ޑިމޮކްރަސިގެ ފެނުން ނާނޭފުޅު ފިއްލަވައިގެން ހަމަ އެތިބި ގޮނޑީގައި އިށީނދެވަޑައިގަތީއެވެ. އެހިސާބުންވެސްވެސް މިކުރެވުނީ ކީއްކަމެއް، މިއީ ކޮންބާވަތެއްގެ ބޮޑުބަދަލެއްކަމެއް ރޭކާނުލިއެވެ.

ކުރިއަށްވުރެ ފަހަތަށް

މިދެވުނީ އަދި ތަންކޮޅެއް ކުރިއަށެވެ. ހަގީގީ އަންނި ބޭނުންވާ ބަދަލަކީ ތޯއެވެ؟ މީލާދީ ސަނަތުން2007ގައި، ދިވެހިރާއްޖޭގައި އޮންނާން ފެންނަނީ، އަންނި ގަދަޔަށް ތާއީދުކޮށް ވަކާލާތުކުރާ ބަރުލަމާނީތޯ ނުވަތަ މައުމޫނު ޒަމާނުއްސުރެ 30ހަށް ހިންގާލި ރިޔާސީތޯ ރައްޔިތުންކައިރީ އަހައިފިއެވެ. އަންނިއާއި އެމްޑީޕީއިން ރާއްޖޭގެ ނިޒާމަށް ބަރުލަމާނީ ބޮޑުބަދަލު ގެންނަން ޖެހޭކަމަށް ތުރާކުނުން އައްޑޫއަށް ހިނގައި ވަކާލާތުކޮށް ވާހަކަގޮވައި އާދޭސްކޮށްފިއެވެ. ނަމަވެސް ރައްޔިތުންގެ 62.05އިންސައްތައިގެ ބޮޑު އަގުލަބިއްޔަތަކުން އަންނިއާއި އެމްޑީޕީއަށް، އަންނިގެ ބޮޑުބަދަލަށް ބުނީ ނޫނެކޭއެވެ. އާދެ! އަންނި އިނގިރޭސިވިލާތުން ދަސްކުރި ބަރުލަމާނީ ދިވެހީން ބޭނުމެއް ނެތޭއެވެ.

ފަހަތުން ކުރިއަށް

ދެން ކުރިއަށް ޖެހިލަމާ ބަހީއެވެ! ހަނދާން އައުކޮށްލަން ކުރުކޮށް ގައުމުގައި ހިނގާދިޔަ ކަންކަމަށް ބަލާލަން ހިނގާށެވެ. އަންނިގެ ވެރިކަން 3 އަހަރާއި ފޮއިވިއިރު ވެއްޓިއްޖެއެވެ. ދެންއައި ރިޔާސީ އިންތިހާބުގެ ސަކަރާތުން ބަލިވެ، ޔާމީނުގެ އަނިޔާގެ ދަށުވެ ޖަލުވެ، ޖަލުން އަނެއްކާވެސް އިނގިރޭސިވިލާތަށް އަރުވާލެވިއްޖެއެވެ. އިނގިރޭސިވިލާތުން ޔާމީނުގެ އަނިޔާއާއި ދެކޮޅުހަދާ ހައިޖާނުހަދާ، އެތައް ކަމެއް ކޮށްފޫއެވެ. މިކަމުގެ ތެރެއިން އަނެއްކާވެސް ވެރިކަމާ ދިމާލަށް މިސްރާބުހިފައި، ތިމަންނާނޫން ކެނޑިޑޭޓެއް އެމްޑީޕީގައި ނެތްކަމަށް ކިޔައިފިއެވެ. ޔާމީނު މިކަމަށް ހުރަސްއަޅައި، ހުކުން އޮތިއްޔާ ނުވާނެކަމަށް ބުނެފިއެވެ. ތިމަންނާއަށް ނުލެވިއްޖެނަމަ، ދެން އެމްޑީޕީއަކު ކެނޑިޑޭޓެއް ނެތްކަމަށް ބުނެފިއެވެ. އެމްޑީޕީގައި ނަގާކިޔާ ބޭފުޅުން، އެއީ ގޯސް ވިސްނުމެއްކަމާއި، މީހަކު ނެރެންވާނެކަމަށް އާދޭސް ދަންނަވައިފިއެވެ. އެތައް ހައިޖާނަކަށްފަހު އެންމެ ގާތް އެކުވެރިޔާ އޯކޭ ކަމަށް އުކުޅަސް ސައްލާއިން ނިންމައިފިއެވެ. އެއްބަސްވެވުނީ މިހެންނެވެ. 2 އަހަރާއި ބައި ކޮށްފައި ތިމަންނާއަށް ވެރިކަން ދޭންވާގޮތަށެވެ. ކޮންމެއަކަސް، އެކުވެރިޔާއަށް ވެރިކަން ލިބި، އަންނިގެ ހުކުމް ބާތިލުވެ، ރާއްޖެ އާދެވި، މިނިވަންވެއްޖެއެވެ. ރަސްމީ ހައިސިއްޔަތެއް ނެތްކަމުންނާއި، ވަޒީފާއެއް ނެތުމުން ހައިޖާނުގަނޑު ފައްޓަވާން ދިމާ ކުރެއްވީ އަބަދިވެސް ތިމަންނާގެ ތަރިކަ މުދަލެއް ކަމަށް ބައްލަވާ އެމްޑީޕީއިންނެވެ. އަމިއްލަ ޕާޓީގެ ސަރުކާރު ޖަވާބުދާރީކުރުވާ ވާހަކައެވެ. އެމްޑީޕީ ސަރުކާރު އެމްޑީޕީ އޮފީހުން ހިންގާވާހަކައެވެ. ކޯލިޝަނުގެ މައްސަލައެވެ. އަނެއްބައި ފަހަރު ތިމަންނާ ހުންނާނީ ސަރުކާރުހަމަމަގަށް އަޅުވާންކަމަށް ބުނެއެވެ. ބުނެވޭގޮތުގައި، މިމަނިކުފާނު ބޭނުންފުޅުވީ ސަރުކާރު ހިންގުމުގައި ކޮންމެ ދުވަހަކު ބައިވެރިވުމަށެވެ. ބެސްޓީ، ރައީސް އިބޫ، ކޮންމެ ކަމެއް ނިންމަވާންޖެހޭނީ މިބޭފުޅާ ބުނާގޮތަށް ކަމަށްބުނެ ހައިޖާނު ހެއްދެވިކަމަށް ވެއެވެ. ރ.އިބޫއަކީ އެބޭފުޅާ ދެއްވި މަގާމެއްކަމަށާއި، ހުރިހާ ކަމެއް ހިނގާންޖެހޭނީ، "ހިތްތަކުގެ/ހިތުން ރައީސް" ބުނާގޮތަށް ކަމަށާއި، ސަރުކާރުގެ މަގާމުތަކަށް ލައްވާންޖެހޭނީވެސް ‘ހިތުން ރައީސް’ ބުނާބަޔަކު ކަމުގައި ވަކާލާތުކުރެއްވި ކަމަށް ވެއެވެ. މިހައިޖާނުގެ ސަބަބުން އެއިރުގެ އިބޫގެ އަރިސް އިކޮނޮމިކް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރުފަދަ ބޭބޭފުޅުންގެ ބުމައިގައި ހުރީ މާކުރިއްސުރެ ގޮށްޖެހިފައެވެ. މާބޮޑު ކުރިއެރުމެއް ސަރުކާރުން ނުލިބުމުން ކުރެއްވި ރަން ބުއްދިއަކީ، ރައްޔިތުންގެ މަޖުލީހުގެ ތެރެއިން ސަރުކާރުގެ ކަންޓްރޯލް ހޯއްދެވުމެވެ. މަޖްލީހުގެ މައްޗަންގޮޅީގެ ގޮނޑިއަކަށް ކުރިމަތިލައި، އެމްޑީޕީގެ މެންބަރުން ހޮވުމުގެ އެޖެންޑާ 19 ހިންގަވައިލެއްވިއެވެ. ބަދަލުތަކުގެ ވާހަކައާއިވެސް އެކުގައެވެ. އިސާހިޔަކު ސުޕަމެޖޯރިޓީ ލިބި، ތިމަންނާ ހުންނާނީ އާންމު މެންބަރެއްކަމުގައި ބުނެ އުޅެތެވެ. ހަމަ އެވާހަކައިގެ ފަހުބައިގައި، މަޖްލިސް ރައީސަކަށް ވާންޖެހޭނީ ތިމަންނާ ތާއީދުކުރާ ކެނޑިޑޭޓަކު ކަމުގައި ވަކާލާތުކޮށް ހައިޖާނު ހަދާލިއެވެ. ތަމްސިލު ކުޅުއްވައި، ޕާޓީތެރެ ގުނބު ހިލުވާލުމައްފަހު ފައިހިލަވަޅު އޮބުނުއިރު ގޮނޑިއަށް ސަވާރުވީ މިމަނިކުފާނެވެ. އަންނި އުންމީދުކުރި ގޮތާއި ހިލާފަށް އެމަނިކުފާނަށް ބައިއަތުހިފައި އެއްބަސްކިޔައިގެން މަޖްލީހަށް ވަތް މެންބަރުންވެސް، އެކިއެކި އެދުންވެރިކަމާއެކު އެމަނިކުފާނާއި އިދިކީލިވެ، ސަރުކާރުކޮޅަށް ހޭރިޔާކޮށް، އެމަނިކުފާނުގެ ބާރު އިސާހިތަކު ކެނޑި، މުޅިން ސިޔާސީގޮތުން ބިކަވެއްޖެއެވެ. ބޮމުގެ ހާދިސާއަށްފަހު މައްސަލަ ގޯހުން ގޯހަށްގޮސް، ބެސްޓިއާއި މޫނުކެނޑި ބޮޑު ހައިޖާނަކަށްވެއްޖެއެވެ. އާދޭހެވެ! ރިޔާސީ ރޭހަށް ބެސްޓީ ރ.އިބޫއާއި ވާދަކުރަން ނުކުމެ، ކަލަގޮވާ، ލޮލަށް ބޮލަށްގޮވައިފިއެވެ. ޕްރައިމަރީއިން ބޮޑުކޮށް ބަލިވެ، ފިކުރެއްގެ ދިރުން ނުދިރި ބޭގަރާރުވެއްގެއްޖެއެވެ. ބޮޑު ބަދަލެއް ގެންނަވައި، މަނިކުފާނު ވަކާލާތު ކުރައްވާ ޑިމޮކްރަސީގެ ހަމަތަކާއި ސީދާ ދިމާއިދިކޮޅަށް އެމްޑިޕީއާއި ވަތްކަނޑާލައި، އިތުރު ޕާޓިއެއް ހައްދަވައި އެޕާޓީއަކީ އަސްލު ޕާޓިކަމަށްކިޔައި، އެމްޑީޕީއަށާއި ރ.އިބޫއަށް ރަތްމަހަށް ނުގޮވާ އެއްޗެހި ގޮވާން ފަށައިފޫއެވެ. ރޫޅާލާނެ ކަމަށައި، ފޫވައް ދަމައިގަނެ، ތިޔަޕާޓީ އުވާލާނެކަމަށް ގޮވައިފިއެވެ. ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ނެރެ، މަގު ހިނގާ، ބުރުޖަހައި، ޖަލްސާކޮށް ހަދައި ވަރުބަލިވެ، އިންތިހާބުންވެސް ބަލވެއްޖެއެވެ. ދެވަނަ ބުރުގައި، އެމްޑީޕީ އާއި އިބޫ ނޫން ހުރިހާ ގޮތެއްކަމުގައި ބުނެ، އިދިކޮޅަށް ވެރިކަން ހޯދައިދިނުމަށް ބައިއަތުހިފާ، އެމްޑިޕީ ބަލިކޮށްފިއެވެ. އަލަށްއައި އިދިކޮޅު ސަރުކާރަށް ސަނާކިޔާ، ކެބިނެޓުން ޖާގައެއް ހޯދަން ހިނގާ، އެކަން ވާގޮތް ނުވެ މާޔޫސްވެއްޖެއެވެ. ދެ މީދާފެހި ބުޅަލަށްވެ، ސިޔާސީ އުދަރެސް ފެނުޖެހިއްޖެއެވެ. އެހެން ގޮތަކުން ތިމާވެށީގެ މަގެއް ހޯދައި، ރާއްޖެއިންނާއި ސިޔާސީ މަޝްރަހުން ދުރަށް ދިޔައީކަމަށް ބުނެ ގާނާއަށް ދިރިއުޅުން ބަދަލުކޮށްފޫއެވެ.

ހިހޫތަނުން ކާލާ ބަދަލު

ސަރުކާރު ހިންގާލާ ދެއަހަރުވެ ކައުންސިލު އިންތިހާބަށް ހަނދުބެލިއިރު އެމްޑިޕީއޮތީ މާބޮޑު ސިޔާސީ ޖޯރެއްނެތި ދަނޑުން ބޭރުގައެވެ. އަންނިގެ ޑިމޮކްރެޓްސް ވީހިސާބެއް އަމުދުން ނޭނގެއެވެ. ނަމަވެސް އެމްޑިޕީ އެތެރޭގެ މިއުޒިކަލް ޗެއަރ ނިމި، ޗެއަރގެ މަގާމަށް ގަޕޯ އައިސް، ސަރުކާރާއި ރަނގަޅަށް އިދިކޮޅަށް، އެމްޑީޕީ އެކުވެލައި، ޓީމު ރާވާލައި، ކެންޕޭނު ހިންގާލައި، އިންތިހާބު އެއްކުރާ ވޯޓާއި، ކައުންސިލް އިންތިހާބުގެ ކަންކަން ރަނގަޅަށް ހިންގާލައި ހުރިހާ ކަމެއް ހުރީ ފަތުއަޑުގައި ކުރިއަށް ޖަހާފައެވެ. ގާނާގައި ގޭނިފައި މަނިކުފާނު ރާއްޖެ ވަޑައިގެންނެވިއިރު ވޯޓުލާން ކުޑަތަންވެ ހައެއްކަ ދުވަހަށް އޮތީ ވެފައެވެ. މަނިކުފާނު އެމްޑިޕީއާއި އެކުވެ ދެތިން ރަށަށް ކެންޕޭނު ދަތުރުކުރިއެވެ. އަތޮޅުވެރިން ވަލުގައި ހިއްޕަވާހެންނެވެ. ދެނަކާދެނެއް ނެތެވެ! އަނެއްކާވެސް ބޮޑު ބަދަލުގެ ބަރު ހަތިޔާރު ނެންގެވީ އެމްޑިޕީއަށް ހީވެސް ނުކުރާވަރުގެ ކާމިޔާބެއް އިންތިހާބުން ލިބި، ރިޔާސީ އިންތިހާބު ލިބި، ވެރިކަން ލިބިދާނޭމަގު ފެނުމުންނެވެ. ހަރު އަޑުން، އެމްޑިޕީއަކީ އެންމެ ލޯބިވާ ކަމަށާއި، ބަދަލު ވާންޖެހޭ ކަމަށާއި، ނުވެ ނުވާނެކަމަށައި، އެމްޑީޕީ ތިމަންނާނޫން މީހަކަށް ނުހިންގޭނެ ކަމަށް ކިޔައިފިއެވެ. ޕާޓީ ހިންގާލަން ތިމަންނާއަށް މިއުޒިކަލް ޗެއަރ އަދި އެމްޑީޕީގެ ކަންޓްރޯލް ނުދީ ނުވާނެކަމަށް ބުނެ ހުރިހާ ރަށަކަށް ދަތުރުކޮށް، ޒުވާބުދިފިއެވެ. ބަދަލަކީތޯއެވެ؟ މިނިވަން މުއައްސަސާތައް ބަލަހައްޓަން މުއައްސަސާއެއް ހަދަންވީޔޯލައެވެ. އެތާ ތިބޭނީ ވޯޓުލައިގެން ހޮވާ މީހުންނޯލައެވެ. 500 ރުފިޔާގެ ދެގަނޑަށް ވޯޓު ގަނެވޭއިރު، މީގެން ވާނެ ވަކި ރަނގަޅެއް ކޮބާބާއެވެ؟ މިނިވަން މުއައްސަސާތަކާއި، ކޯޓުތަކާއި ހުރިހާ އެންމެން ހޮވަން އަބަދު ރައްޔިތުން ވޯޓުލާންވީއެވެ. މަހުޖަނުން، ލާރިހުރި ޕާޓީތަކުން، ގޮނޑި ގަންނަންވީއެވެ. އަބަދު ވޯޓެވެ. ބޮޑު ބަދަލުގެވެސް އެންމެ ބޮޑު ބަދަލަކީތޯއެވެ؟ ބޮޑުވަޒިރު ނިޒާމަށް، އާދެ އަންނި އަބަދުވެސް ވަކާލާތުކުރާ، ރައްޔިތުން ބޮޑުކޮށް ނޫނެކޭބުނި ނިޒާމަށް، މިއީ އެނިޒާމެއް އަދި ނޫނޭ، މިއީ މުހައްމަދު ނިޒާމޭ ބުނެ ރާއްޖެ އަނބުރާލުމެވެ. މިހުރިހާ ހާސަރެއްގައި، ބަދަލު ގެންނާނެ ގޮތެއް ކިޔައެއް ނުދެވެއެވެ. މިހިރީ ބަދަލޯއެވެ. ބަދަލު ގެންނާނެ ގޮތަކާމެދު ފިކުރު ކުރާނީ ފަހުންނޯލައެވެ. ސުންކަރުދާހޯލައެވެ. ތަނެއް ދޮރެއް، ދޮރާއްޓެއް ވަތްކެއްނުވެއެވެ. މިއަވައެއްގައި ރައްޔިތުން ޖައްސާން ގަދައަވީގައްޔާއި ވާރޭގައި، ދެފައި އެއްތާނުޖެހި ދުވެފޫއެވެ. މިބޭފުޅާ ބޭނުންކަމެއް ހާސިލުކުރަން ރައްޔިތުން އަބަދުވެސް އަރުވާ ޅޮސް އުނދޯލި ކަމަށްވާ ބަދިގެއަށް ވަދެ ރޮށިދެމުމާއި، ފައި މޮޑުމާއި، އާމްދަނީ ދެގުނަވާނީ މިބަދަލުންކަމާއި، މުއްސަނދިވެ ޑޮލަރު ލިބޭނެކަމަށް ކިޔަމުން އެދުވަނީ އަޅުގަނޑު ހިތުން ހަމައެންމެ ސަބަބަކަށްޓަކައެވެ. ތަހުތުގައި އަދިއެއްފަހަރު އިށީނދެލުމަށް ހިތް އެދޭވަރުން ނުކުޅަދާވަވެގެންނެވެ. މިހާ ދިގު ހާސަރެއް މިދެމީ މިބޭފުޅާގެ އަސްލު މަގްސަދު ހާސިލު ކުރަން އެހިފާ އަމާޒު ސާފުކޮށްދިނުމަށެވެ. އެބޭފުޅާގެ އަސްލު ހަސީލަތް ގޯސްކަން އަންގައިދިނުމަށެވެ. ދިވެހީންގެ ހަނދާން ބަލިވީމައާއިއެކުވެސް މެއެވެ. ދިވެހިން ހައްދާލައި، ހައްލާލުމަށް އަބަދުވެސް މިބޭފުޅާ ބޭނުންކުރަނީ "ބަދަލެއް"ގެ ވާހަކައެވެ. ބަދަލުވުމެއްގައި، ދުވަހަކު ހަމަ ނުޖެހި ގައުމު އާވާރާވެފައި އޮތަސްހެވެވެ.

އަސްލު އެބުނާ ބަދަލު

މުޖައްރިބެވެ! ފައްޔާޒަށާއި ޓީމަށް ލަނޑުދޭނެއެވެ. އަންނިއަކީ އެބޭފުޅާއަށްވުރެ މަތީން ބަސްކިޔާން އެހެން ބޭފުޅަކު ހުންނަވާކަށް ހަޖަމެއް ނުވާ ބޭފުޅެއްކަން އެމްޑީޕީގެ ސިޔާސީ ތާރީހު ހެކިދެއެވެ. ފައްޔާޒުގެ ބޭބޭފުޅު “އިބްރާ” ބާކީކޮށް ބޭރުކޮށްލި ގޮތަށެވެ. ޑަކްޓަރު މުނައްވަރާއި، ‘ދަތް’ޑީޑީއާއި، ރީކޯ މޫސާނިކާއި، މަރުހޫމު ގޯގޯ ލަތީފުފަދަ ހުރިހާ ބޭފުޅުން ގަދަކަމުން ތަޅާބޭރުކުރީ މިމަނިކުފާނަށްވުރެ މައްޗަށް އަރާ ވަޑައިގަންނަށް އުޅުއްވުމުންނެވެ. މިމަނިކުފާނު ނޫން މީހަކު ނަގާކިޔަން، ޖަޑިބަކަށް ހުރެފާނެތީއެވެ. މިމަނިކުފާނުގެ ކޮމާންޑު ނުހިނގަފާނެތީއެވެ. ނަންވީ މައުމޫނުތާއެވެ. ދެންފަހެ، ހަގީގީ ބޮޑު ބަދަލަކަށް ވާންވީ ނަޝިދުމެން އެއްފަރާތް ވުމެވެ. ރައްޔިތުންގެ ބޮލުގައި ތިޔަ އަޅުވާ ތެތްގޯނި ހިއްކަން އަޅާފައި ގެއައް ވަޑައިގަތުމެވެ. ފެއިލުވެ، މުއްދަތު ހަމަވެފައިވާ ޕްރޮޑަކްޓްތައް ދުރަށްޖެހި، ޅަބާޅަ އައު މޫނުތަކަށް ފުރުސަތު ދިނުމަށެވެ. ވާވައްދަން، ކަންދައްކަން އުޅުން ހުއްޓާލާ އިހުލާސްތެރި ސިޔާސީންނަށް ފުރުސަތު ދިނުމަށެވެ.

ހިޔާލެއް އެބައޮތްތަ؟

ކޮމެންޓު ފޮނުވޭނީ 12 އަކުރަށްވުރެ ގިނައިން ލިޔުއްވުމުން

ލޯޑް ކުރަނީ…