އަޅުގަނޑު މިދޭތެރެއިން އަތޮޅުތެރޭގެ ހައެއްކަ ރަށަށް ދިޔައީމެވެ. ރައްޔިތުންނާއި، ކައުންސިލަރުންނާއި އެކިމީހުންނާއި ދިމާވެ، ދައްތަމެން ބޭބެމެންނާއި ވާހަކަ ދައްކާވެސް ހެދީމެވެ. ރަށުގައި ހިނގައި، ދުއްވާ، ތަންތަން ބަލާވެސް ހެދީމެވެ. ދިޔަ ހުރިހާ ރަށަކުންވެސް ފެނުނީ އެއްކަމެކެވެ. ވީރާނާއެވެ. އިހުމާލެވެ. ބޭއިންސާފެވެ. ނިގުޅައިގަނެފައިވާ ހައްގުތަކެވެ. ވެރީން ރައްޔިތުންނަށް ދޮގުހަދާފައިވާ ވަރެވެ. ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްހަދައި އޮޅުވާލާފައިވާ ވަރެވެ.
ތަރައްގީގެ ނަންބޯޑު ބޮޑުކޮށް އަޅުވާފައި، ކޮންމެ ރަށެއްގައި، ބަނދަރަކާއި، ނަރުދަމާއަކާއި، ފެނާއި، ފުޓްސަލް ދަނޑާއި، ވޮލީކޯޓާއި، އޮފީސްތަކާއި، ބަނދަރުމަތީގައި ސްޓޭޖެއް އެބަހުއްޓެވެ. ރަނގަޅެވެ. ދިވެހި ރައްޔިތުން އުޅެންޏާ ހުންނަންވެސް ޖެހޭނެތާއެވެ. ނެތީތޯއެވެ! ނެތީ މީހުންނެވެ. މީހުން ނެތީމާ، ނެތީ އިގްތިސާދީ ހަރަކާތެވެ. ނެތީ އެކަށީގެންވާ ތައުލީމީ ފުރުސަތެވެ. ނެތީ ސިއްހީ ފަރުވާއެވެ. ނެތީ ފޫހިފިލުވާން ކުރާނެ ކަމެކެވެ. ނެތީ ވަޒީފާއެވެ. ނެތީ މައިން ބަފައިން ކައިރީގައި ދަރިންނެވެ. ގިނަ ރައްރަށުން ހާމައަށް ފެންނާން ހުރީ "ޑިކްލައިނެ"ވެ. ދުވަހެއް ދުވަހަކަށް ހާލަތު ދަށަށްދާ މަންޒަރު ބަލާލާ ކޮންމެ މީހަކަށް ކުލަކޮށް އެހެރީ ފެންނާށެވެ. ގިނައީ ފަޅުގެއެވެ. ފަޅުނޫން ގެއެއްގައިނަމަ ވީހާލެއްގައި ވާން ދޫކޮށްލާފައިތިބި މުސްކުޅި ދެމައިންނެވެ. ހުރިހާ ދަރީން މާލޭގައެވެ. ރަނގަޅަށް ހިނގާ ދެތިން ކެފޭވެސް ގިނަރަށްރަށުގައި ނެތެވެ. ކުރިން ހިންގައި، މިހާރު ބަނގުރޫޓުވެފައިވާ ފިހާރަތަކުގައި ބައުވެ ދަބަރު ޖަހާފައިވާ ހަރުތަކެވެ. ހުރިހާ މުރަނގަ ގަހެއްގައި ހުރި މުރަނގަތޮޅި ބޭނުން ކުރާނެ މީހަކުނެތި އެހެން ހުރެހުރެ އެހެރީ ހިކިފައެވެ. ރަށުތެރޭގައި ކުރާނޭ މަސައްކަތެއް ނެތެވެ. މަގުމައްޗަށް ނުކުންނާނެ ބޭނުމެއް ނެތެވެ.
ބޭއިންސާފަކީތޯއެވެ! ނަމުން މަޝްހޫރު ރަށަކުން ދިމާވި ދުވަސްވީ ދައްތައަކާއި ވާހަކައަޅުވާލީމެވެ. ދައްތަގެ ވޭނީ ޝަކުވާ ބަންޑުން ކޮށްލިއެވެ. ދައްތަގެ ހުރިހާ ދަރީން އުޅެނީ މާލޭގައި ކަމަށާއި، ދައްތަ މިއުޅެނީ ނިކަން ބަލިކޮށް ކަމަށް ކިޔައިދިނެވެ. ދައްތަގެ އަޑުން، ދައްތަ ތަހައްމަލު ކުރަމުންދާ ހިތާމައާއި ދައްތަގެ ހަށިގަނޑުގައި އަޅާވޭން ގައިމުވެސް އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑު ބުނީމެވެ. ދައްތަގެ ދަރީން ކައިރިޔަށް ބޭހަށް ދާންވީ ނޫންހެއްޔެވެ. ދައްތަގެ ޖަވާބު ކަލޭމެން ސިޔާސީ އެންމެން ކިޔާށެވެ. ދައްތަގެ ދަރިން އުޅޭ ހާލުން، މާލޭގައި ބަހައްޓާނެ ތަނެއްނެތެވެ. ޓިކެޓުދޭނެ ލާރިއާއި، އިތުރަށް ބޭހަށް ކުރަންޖެހޭ ހަރަދުވެސް ދެވޭކަށް ނެތެވެ. އެކުދިން އެމީހުންގެ ދަރިން ގޮވައިގެން މާލޭގައި އުޅެނީ ނިކަން ހާލުގައި ކަމަށް ވީތީއެވެ. ކުޅުދުއްފުއްޓަށް ދާން ދެދުވަހު އުޅުނީމާވެސް އާރުޓީއެލް ކެންސަލުވެގެން އެޕޮއިންޓުމަންޓު ދިޔައީއެވެ. ކުޅުދުއްފުށިގައި ސީދާ މިކަމަށް ހާއްސަމީހަކު އަމުދުން ނުވެސް ނެތެވެ. ދުވަސްވީ މިހުންނަށް ލިބޭ އެލަވަންސު ނުލިބޭނަމަ، ދެމުސްކުޅިން ކާނީވެސް ދެދުވަހުން އެއްދުވަހުއެވެ. ދެމީހުންނަށް ލިބޭ އެލަވަންސުން ބައެއް އެންމެ ހާލުގައި އުޅޭދަރިއަށް ދެއެވެ. ދައްތައަށް ބަނދަރާއި، ފެނާއި، ނަރުދަމާއާއި، ފުޓްސަލް ދަނޑާއި، ބޮޑެތި ރީތި އޮފީހަކުން، އިމާރާތަކުން ހިތަށްލިބޭ ތަސައްލީއެއް ނެތެވެ. ނަމަވެސް މާލެގައި އުޅޭ ހަމައެރަށު އެ އުމުރުގެ ދައްތައެއް، މާލޭގައިވީތީ އުނދަގުލެއް ވާތާ 15 މިނެޓު ތެރޭގައި ހުންނާނީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލުގައެވެ. "ފެއަރ" ހެއްޔެވެ؟ އިންސާފުހެއްޔެވެ؟
އޮޅުވާލުމަކީ މިއެވެ. 'ކުޑަ ރަށެއް ބޮޑުރަށެއް" ނުބަލައި، އެމީހަކު ހުރި ރަށެއްގައި، އާބާދީ ކިތަންމެ ކުޑަޔަސް އުޅެވޭނެ ގޮތަށް ތަރައްގީ ކުރުމަކީ މިގައުމަށް ކެތްވާނެ ކަމެއް ނޫނެވެ. 'ޖަޒީރާ ރާއްޖެ"އަކީ ރިތި ބިލާހެކެވެ. މީހުން ނެތް ތަނެއްގައި ހިދުމަތެއް ނުދެވޭނެއެވެ. ހުރިހާ ކަމަކަށް ބޮޑު ހަރަދު ކުރަންޖެހޭ މިޒަމާނުގައި، "އިކޮނޮމީސް އޮފް ސްކޭލަށް" ނުބަލައި އުޅެން ދިމާކުރުމަކީ އޮޅުވާލުމެކެވެ. ސިޔާސީ މީހުންނަށް ރަނގަޅަށް އެކަން އެނގޭނެއެވެ. ތާއަބަދު، ދައުލަތުގެ ބަޖެޓުގެ 60% ރިކަރަންޓު ހަރަދަށް ތަޅާ ބުރުއްސާލުމަކީ އިހުމާލެކެވެ. ސިޔާސީމީހުން އެހަދަނީ ދޮގެވެ. ސްކޫލާއި ހޮސްޕިޓަލު އަޅައިގެން ރަށުއެންމެނަށް ވަޒީފާ ދީގެން އެކުރާން ދިމާކުރާ ކަންކަމަކީ އޮޅުވާލުމެކެވެ. ބޮޑެތި އިމާރާތް ތަރައްގީގެ ނަމުގައި އެޅިދާނެއެވެ. ކުލަލައި ރީތިކޮށް ހެދިދާނެއެވެ. މީހުންނެތި ހިދުމަތެއް ނުދެވޭނެއެވެ. ދެމީހަކު ޑައިލައިސިސް ހަދަން މެޝިނާއި ޑޮކްޓަރުން ލައިގެން ތިބުމަކީ ބޭއިންސާފެކެވެ. އެ ނަގާލަނީ އެތައް ބައެއްގެ ހައްގެކެވެ. ހިތާވެގެން އުޅޭ މަންޖެއަށް މަލެއް ދިއްކޮށްލަން ބަލާއިރު މާވިއްކާ ފިހާރަ ނެތުމަކީ ބޭއިންސާފެކެވެ. މާވިއްކާ ފިހާރައެއް ހިންގާނުލެވޭ ވަރުގެ އާބަދީއެއް ގަނަތަޅުވާން ބޭތިއްބުމަކީ ބޭއިންސާފެކެވެ. ދުނިޔެ ހިނގަނީ މިގޮތަށެވެ. މިނޫން ގޮތަކަށް މާ ތާހިރު ދިރިއުޅުމެއް ހޯދިދާނެކަމަށް އެބުނަނީ ދޮގެކެވެ. އެކިރަށްރަށުގައި ވޯޓު ހޯދަން އެކުރާ ތަރައްގީގެ ބަދަލުގައި، ޖަޒީރާވަންތަ ސިފަތަކާއިއެކު ބޮޑެތި ޝަހަރުތަށް ނެހެދޭނެކަމަށް، ވާނީ ހަމަ "މާލެއަކަށް" ކަމަށް އެބުނާ ބުނުމަކީ އޮޅުވާލުމެކެވެ. އެއި އަނދުނެކެވެ. ވަކިވަކީން ބައިބައި ކޮށްފައި، ކުދިކުދި ރަށަރަށުގައި ބައިތިއްބަން އެއުޅެނީ ވޯޓުހޯދަން ފަސޭއަކަށެވެ. **ރައްޔިތުން ވިސްނާށެވެ. ލިބޭނީ ކޮންމެވެސް އެކައްޗެކެވެ. ލާމަރުކަޒީއަކީ އޮޅުވާލުމެކެވެ. **
ލޯޑް ކުރަނީ…
އިޖުތިމާއީ މައްސަލަ
"ގައިމު އަހަރެމެން ކުޑައިރު މަންމަމެން ކިޔަނީ ރަނގަޅު ވަޒީފާއެއް ލިބޭނީ ރަނގަޅަށް ކިޔަވައިގެން ކަމަށެވެ. ނަމަވެސް، މިހާރު މުޅި ރާގު ބަދަލުވެ، ލަވަ ބަދަލުވެ މަންމަވެސް އެ ހުންނަނީ ދަރިގޮވައިގެން، ދަރިއަށް ކުފޫ ހަމައެއްގޮތަކަށްވެސް ހަމަނުވާ، މީހާގެ ފައިގެ ސައިޒަށްވުރެ މާބޮޑު ބޫޓަކަށް އަރުވައިގެން ނުކުމެއެވެ. "
ސިޔާސީ
"އެމްޑީޕީ ރަޖިސްޓަރކުރީ 26 ޖޫން 2005 ގައެވެ. ދެނަކާއިދެނެއް ނެތެވެ. ނުކިޔަވާ ތިބި ހުރިހާ އެންމެނާއި، ވަގުންނާއި، ޓައީ އަޅާހިތްވެ ނޭޅިފައި ތިބި ހުރިހާ އެންމެނާއި ރަނގަޅަށް ޒުވާބުކުރަން އެނގޭ އެންމެންނާއި މިކަހަލަ އެތައް ބަޔަކު ކުރަންތިބި ހުރިހާ ކަމެއް ދޫކޮށް މިކަމުގެ ތެރޭގައި ވަކިހިއްޕާލައިފިއެވެ."
ސިޔާސީ
"ދެނަކާދެނެއް ނެތެވެ! އަނެއްކާވެސް ބޮޑު ބަދަލުގެ ބަރު ހަތިޔާރު ނެންގެވީ އެމްޑިޕީއަށް ހީވެސް ނުކުރާވަރުގެ ކާމިޔާބެއް އިންތިހާބުން ލިބި، ރިޔާސީ އިންތިހާބު ލިބި، ވެރިކަން ލިބިދާނޭމަގު ފެނުމުންނެވެ. ހަރު އަޑުން، އެމްޑިޕީއަކީ އެންމެ ލޯބިވާ ކަމަށާއި، ބަދަލު ވާންޖެހޭ ކަމަށާއި، ނުވެ ނުވާނެކަމަށައި، އެމްޑީޕީ ތިމަންނާނޫން މީހަކަށް ނުހިންގޭނެ ކަމަށް ކިޔައިފިއެވެ."