ސިޔާސީ
އަހަރެމެން ދިވެހީން މިކަން ކުރީ ބަޔަކު ދެއްކި ވާހަކައެއްގައި ދެން މިވަރެއްނެތް ކަމަށް ބުނީމައެވެ. މިކަން ކޮށްގެން ނޫނީ ތަރައްގީ ނުވާނެކަމަށައި، ދުނިޔޭގެ އެންމެން އުޅެނީ މިހެންކަމަށާއި އަދި ވަކީން ހާއްސަކޮށް ރ. މައުމޫނު އަރާވަޑައިގެން އިންނެވި 30 އަހަރުވީ ބޮޑު ގަހުން އެބޭފުޅާ ބާލާނެ ފަސޭހަ ބޭހަކީ ސިޔާސީޕާޓީ ކިޔާ ބޭހަކަށް ވާތީއެވެ. އެއީ ދިރިހުރިމާއި މަރުވުމާއި، މިނިވަންކަމާއި އަޅުވެތިކަމުގެ ހަނގުރާމައެއް ކަމުގައި ހަދައި ގިނަ ބަޔަކު އެކަމާ އުޅުނީ ގައިމު އުންމީދެއް އޮތީމައިތާއެވެ. މިކަމަކާއިހުރެ އަނދަގޮޑީގައި ހޭދަކުރި މިހުންނާއި، އުނަގަނޑަށް ދާއިމަށް ބޭސްވެރިކަން ކުރަންޖެހޭ މީހުންނާއި މިކަހަލަ އެތައް އެތައް ވޭނެއް އެތައްބަޔަކު ތަހަންމަލު ކޮށްފައިވެއެވެ.
އެއިރު ދިވެހިން އަޑުވެސްނާހާ ބަސްތައް ކަމަށްވާ "ގޮޅާބޮލަށް" ގޮވުމާއި، މުޒާހަރާއާއި، ކަރުނަގޭހާއި، "ދުންފިނި" ޖަގަހައާއި މިކަހަލަ އެތައް ކަމަކަށްފަހު ރާއްޖޭގެ ފުރަތަމަ ސިޔާސީޕާޓި، އެމްޑީޕީ، ރަޖިސްޓަރކުރީ 26 ޖޫން 2005 ގައެވެ. ދެނަކާއިދެނެއް ނެތެވެ. ނުކިޔަވާ ތިބި ހުރިހާ އެންމެނާއި، ވަގުންނާއި، ޓައީ އަޅާހިތްވެ ނޭޅިފައި ތިބި ހުރިހާ އެންމެނާއި ރަނގަޅަށް ޒުވާބުކުރަން އެނގޭ އެންމެންނާއި މިކަހަލަ އެތައް ބަޔަކު ކުރަންތިބި ހުރިހާ ކަމެއް ދޫކޮށް މިކަމުގެ ތެރޭގައި ވަކިހިއްޕާލައިފިއެވެ. އައި ނުއައި ތަނެއް ނޭނގޭ މިކަހަލަ އެތައްބަޔަކު ކުރީގޮނޑިބަރީގައި އިށީނދެއްޖައޫއެވެ. ދައުލަތް ނޮޅާލަން ތައްޔާރަށް ތިބި ވިޔަފާރިވެރިން ފަހަތު ޖީބަށް ލާރިއަލައިގެން މިކަމުގައި އުޅޭ މީހުންނަށް ޗަންދާބެހުމުގައި އަވަދިނެތިގަނެފޫއެވެ. އެންމެ ބޮޑެތި ވިޔަފާއިވެރިން ހެދީ ޕާޓީއެކެވެ. ނަމަކަށް ކިޔަނީ ގައުމި ނަމެއް ކަމުގައިވިޔަސް، ކަމުން އެއީ އަމިއްލަ ކުންފުނިފަދައެވެ. އާއިލާއާއި ރައްޓެހިން އެއްކޮށް ޕާޓީގައެވެ.
މިއެއްހަދައިގެން، ދިދަނަގައި، ކޮންމެމީހަކު ކުއަލެއް ޖައްސައި، އަރުމާޒުހަދައި ރާއްޖޭގެ އެކިކޮޅަށް ހިނގާ ވަސްވާސްދީ އުޅެގަނެފިއެވެ. ކޮންމެ ބަޔަކުވެސް ބަލަނީ ބުނިއެއްޗެއް ދިގެން އެރަށެއްގައި ތިބި ނަގާކިޔާ ބައެއްގެ ބޯ ކާލެވޭތޯއެވެ. ބައެއް މީހުންނަށް ނަގުދު ފައިސާއެވެ. އަނެއްބަޔަކަށް ޓިނުކޮޅެކެވެ. އަނެކަކަށް ދޮންނަމެޝިނެކެވެ. ކިޔައިދެނީ އެމީހުންގެ އުނިސިފަތަކާއި އަހަރެމެންގެ މޮޅުކަމެވެ. ތާކުންތާކު ނުޖެހޭ ނަނާ ހުވަފެންތަކެވެ. ދުވަހަކު އަތޮޅުތެރޭ ގޭގެއަށް ވަންނަން ހިތަށްނާރާ މީހުންވެސް، ގޭގެއަށްވަދެ ރައްޔިތުން ޅޮސް އުނދޯންޏަށް އަރުވާ ހެއްލަނީއެވެ. ތާކުންތާކު ނުޖެހޭ ކުދިކުދި ކަންކަން ދައްކައި، ތަރައްގީއަކީ މިއީ އެއީ ކަމަށް ކިޔާ، މޮޔަހައްދައިފިއެވެ.
އިސާހިތަކު އިންފާރުން ގުޅިފައިހުރި ގޭގޭގެ ދެފަރާތުންވެސް ޒުވާބު ފެށިއްޖެއެވެ. އެސޮރަކީ ރާބޯ މީހެއްކަމަށާއި، އަހަރެމެންގެ މީހާއަކީ މާތް ޝޭހެއްކަމަށް ގޮވާން ފެށިއްޖެއެވެ. އެކީއެކުގައި ޖޯލިފަތީގައި ނުތިބެވޭ ހިސާބަށް ގޮއްސިއެވެ. އަތިރިމަތީ ފިނިއައްޓަށް އެއްގައޑިއެއްގައި އާދެވިއްޖެނަމަ ފަށަނީ ޒުވާބެވެ. ދޯނި އެއްގަމަށް ދަމާލަން އެކީގައި ނުކުންނަ މީހުން ބައިވެއްޖެއެވެ. ކޮރަކަލި ފަތިން ކުރީގައި އެ ދިއްކޮށްލާ ކޮރަކަލި ދިއްނުކޮށްލާ މޫނުހަދައިގެން ދަނީއެވެ. ތަނެއް ދޮރެއް ދޮރާއްޓެއް ނުބަލައި ވަގަށް ގޮވުމާއި ޒާތްޒާތުގެ ނަންނަމުން ގޮވުން އާންމުވެއްޖެއެވެ. ދަސްކުރާނީ މާލޭ، ޕާޓީ ޕޯޑިއަމުގައި އެގޮވާ އެއްޗެހިންތާއެވެ.
ހެޔޮކޮންނެވެ! ޕާޓީއަކީ އެއިރު ލިބުނު އުންމީދެކެވެ. އަލިކަމެއްކަމަށް ދެކެވުނު ތަސައްލީއެކެވެ. ރަނގަޅުވާނެ ކަމަށް ކުރެވުނު ފޮނި އުންމީދެކެވެ. ނަމަވެސް، މިހާތަނަށް އައިއިރު ފަސާދައާއި ފިތުނަޔާއި ބައިބައިވުން ނޫން ކަމެއް މިއަކުން ނުފެނެއެވެ. ސިޔާސީ މީހުން ވައްކަން ކުރުމަށާއި، ބޮސްވަށައިގެން ކިޔަމަން ކޮށްފައި ބައިތިއްބާ "ގޭންގު"ތަކަކަށް ޕާޓީތައް މިވަނީވެފައެވެ. ސިޔާސަތާއި ގައުމީ މަސްލަހަތާއި، ގައުމަށް ފައިދާހުރި ކަންކަން ބަހައްޓާފައި ވަކިމީހަކު ބުނާގޮތަކަށް ވަށާއެނބުރޭ ގިބުލަތަކަކަށް ޕާޓިތައް މިވަނީ ހަދާފައެވެ. އުފެއްދުންތެރި ވާހަކަތަކަށްވުރެ ކަލަގޮވުމާއި، ޒުވާބުކުރުމާއި، ސަނާކިޔުން މިބައިމީހުންނަށް މުހިންމެވެ. ރައްޓެހިންނަށް އެއް ކޮފީއަށް ނޭރެވޭވަރު ކޮށްފިއެވެ. ވަކިމީހަކާ ސަލާންކުރުމަކީ ހަރާންކަމަކަށްވެސް ހަދައިފިއެވެ. މުޅިރަށަށް ފައިދާހުރި ކަމަކަށްވިޔަސް އިދިކޮޅަށް ތިބޭބަޔަކު ހަދަނީ އިދިކޮޅެވެ. ކިތަންމެ ރަނގަޅުވާހަކެއްވިޔަސް އަޑުވެސް އަހަން ބޭނުމެއް ނުވެއެވެ.
ލޯޑް ކުރަނީ…
ސިޔާސީ
"ދެނަކާދެނެއް ނެތެވެ! އަނެއްކާވެސް ބޮޑު ބަދަލުގެ ބަރު ހަތިޔާރު ނެންގެވީ އެމްޑިޕީއަށް ހީވެސް ނުކުރާވަރުގެ ކާމިޔާބެއް އިންތިހާބުން ލިބި، ރިޔާސީ އިންތިހާބު ލިބި، ވެރިކަން ލިބިދާނޭމަގު ފެނުމުންނެވެ. ހަރު އަޑުން، އެމްޑިޕީއަކީ އެންމެ ލޯބިވާ ކަމަށާއި، ބަދަލު ވާންޖެހޭ ކަމަށާއި، ނުވެ ނުވާނެކަމަށައި، އެމްޑީޕީ ތިމަންނާނޫން މީހަކަށް ނުހިންގޭނެ ކަމަށް ކިޔައިފިއެވެ."
އިޖުތިމާއީ މައްސަލަ
"ގައިމު އަހަރެމެން ކުޑައިރު މަންމަމެން ކިޔަނީ ރަނގަޅު ވަޒީފާއެއް ލިބޭނީ ރަނގަޅަށް ކިޔަވައިގެން ކަމަށެވެ. ނަމަވެސް، މިހާރު މުޅި ރާގު ބަދަލުވެ، ލަވަ ބަދަލުވެ މަންމަވެސް އެ ހުންނަނީ ދަރިގޮވައިގެން، ދަރިއަށް ކުފޫ ހަމައެއްގޮތަކަށްވެސް ހަމަނުވާ، މީހާގެ ފައިގެ ސައިޒަށްވުރެ މާބޮޑު ބޫޓަކަށް އަރުވައިގެން ނުކުމެއެވެ. "
ނިޒާމު
"އޮޅުވާލުމަކީ މިއެވެ. އެމީހަކު ހުރި ރަށެއްގައި، އާބާދީ ކިތަންމެ ކުޑަޔަސް އުޅެވޭނެ ގޮތަށް ތަރައްގީ ކުރުމަކީ މިގައުމަށް ކެތްވާނެ ކަމެއް ނޫނެވެ. މީހުން ނެތް ތަނެއްގައި ހިދުމަތެއް ނުދެވޭނެއެވެ. ހުރިހާ ކަމަކަށް ބޮޑު ހަރަދު ކުރަންޖެހޭ މިޒަމާނުގައި، "އިކޮނޮމީސް އޮފް ސްކޭލަށް" ނުބަލައި އުޅެން ދިމާކުރުމަކީ އޮޅުވާލުމެކެވެ."