ރާއްޖޭގެ ހުރިހާ ރަށެއް ރިސޯޓު ހެދުމަށް ވިއްކާ ހުސްވަނީއެވެ. މާދަމާ އުފަންވާނެ ކުއްޖާގެ ހައްގުވެސް ހިމެނޭ ރާއްޖޭގެ ރަށްރަށް އެއިރަކު އޮންނަ ސަރުކާރަކަށް އޮންނަނީ ހިތަކަށް ކަމުންނާއި، އަމުދުން ރާއްޖޭގެ ދުރުރާސްތާ ތަސައްވުރެއް ނެތަތީ، ހިތަށް އެރި ގޮތަކަށް، ގިނަފަހަރަށް ސަރުކާރާއި ގުޅުން އޮންނަ ބަޔަކަށް ލިބި، ވަކިބަޔަކު މުއްސަނދި އެބަވެއެވެ. މިލިޔުމުގައި ހިޔާލަށް ގެންނާން މިއުޅެނީ ދިވެހިންގެ އަތު ނުޖެހޭ ދިވެހިންގެ އެންމެބޮޑު ރައުސުލްމާލު، ސީދާ ރައްޔިތު މީހާގެ ޖީބާއި ހަމައަށް ވާސިލު ކޮށްދިނުމަށެވެ. އާދެ! ހަގީގީ މާނައިގައި ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުމަށެވެ.
މި މަޝްރޫއުއަށް ކިޔާނީ "ޑޮލަރު ރިސޯޓު" މަޝްރޫއުއެވެ. މެދު ފަންތީގެ 100 ވަރަކަށް އެނދުގެ ރިސޯޓެއް ތިރީހަކަށް މިލިޔަން ޑޮލަރަށް ނުވަތަ 470 މިލިޔަނެއްހާ ރުފިޔާއަށްވުރެ ކުޑަކޮށް ތަރައްގީ ކުރެވިދާނެކަމަށް ފަންނުވެރީން އެބަ ބުނެއެވެ. ރިސޯޓު ހެދުމަށް އިންވެސްޓު ކުރާނީ ދިވެހި ސަރުކާރުންނެވެ. ނުވަތަ ސަރުކާރާއި އަތޮޅުގެ ރައްޔިތު އެންމެން ހިއްސާވާ ކުންފުންޏަކުންނެވެ. ދައުލަތުގައި އިންވެސްޓު ކުރާނޭ ފައިސާނެތް ނަމަ، ލޯނު ނަގާނީއެވެ. ރާއްޖޭގެ އެކިތަންކޮޅުކޮޅު ހިއްކާން ބިލިޔަނުން ރުފިޔާ ނެރެވޭ ކަމުގައި ވާނަމަ، ގައިމު މިކަމަށް އިންވެސްޓްމަންޓް ހޯދަން މާ ފަސޭހަވާނެތާއެވެ. މި އުފައްދާ ކުންފުނީގެ މެޖޯރިޓީ ޝެއާ ބާއްވާނީ ދިވެހި ދައުލަތުގައެވެ. ހިއްސާ ބަހަން ހުށައަޅަނީ މިދަންނަވާ ގޮތަށެވެ. ދިވެހި ސަރުކާރަށް 50%، އަތޮޅު ކައުންސިލުތަކަށް 30%، އެއަތޮޅެއްގެ ރައްޔިތުންނަށް ހަމަހަމައަށް ބަހަން ހާއްސަ 20% މިގޮތަށެވެ. ކުންފުނީގެ ފައިދާ ބަހާނީ އިންވެސްޓްކުރި ލާރި އަނބުރާލިބި ފައިދާ ލިބެން ފެށުމުންނެވެ. މި ލިޔުމުގެ ބޭނުމަށް ފުރަތަމަ ރިސޯޓު ހަދާނީ ހއ އަތޮޅުގައި ކަމަށް ބަލަމާ ބަހީއެވެ.
ހއ "ތޮޅިވަންދޫ" މިކަމަށް ހާއްސަ ކުރާނީއެވެ. މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މިކަމަށް އިންވެސްޓުކުރަން ހަދާނީ ކުންފުންޏެކެވެ. "ތޮޅިވަންދޫ" ރިސޯޓް ލިމިޓެޑެވެ. މިކުންފުނިން އިންވެސްޓް ކުރާނޭ ފައިސާ ހޯދާއިރު، ރިސޯޓުގެ ކުރެހުން ތައްޔާރު ކުރަން ފަށަންވީއެވެ. ރިސޯޓު ކުރަހާއިރު ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ހާއްސަކަމެއް، ސަގާފަތެއް ނުވަތަ ތަރިކައެއްވާނަމަ އެކަމެއް މި ރިސޯޓުގެ ކުރެހުމުގެ ތެރެއަށް ވައްދާ ސަގާފީ ކުލަ ޖައްސަންޖެހޭނެއެވެ. އެކަހަލަ ހާއްސަކަމެއް ނެތްނަމަ ދިވެހިރާއްޖެއަށް ހާއްސަ ދިވެހިވަންތަ ސިފަތައް ހިމަނަން ޖެހޭނެއެވެ. އަދި، ރިސޯޓު ހިންގުމުގައިވެސް ދިވެހިވަންތަ ސިފަތައް ހިމަނަންވާނެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލާއިރު، އަތޮޅުގެ ތަރިކައިގެ ދާރުލް އާސާރެއް ރިސޯޓުގައި ބެހެއްޓިދާނެއެވެ. ރިސޯޓުގެ ޔުނީފޯމުގެ ގޮތުގައި ލިބާސްކަހަލަ އެއްޗެއް ބޭނުންކުރެވިދާނެއެވެ. އާދެ! މި މަޝްރޫއުގެ ތެރެއިން ސަގާފަތް ދިރުވާ އާލާކުރެވުނީއެވެ.
އިންވެސްޓުކުރާނޭ ފައިސާ ލިބުމުން އިމާރާތްކުރުމުގެ މަސައްކަތް ފަށައިގަންނަންވީއެވެ. ރިސޯޓުގެ މަސައްކަތްތައް ހަވާލުކުރުމުގައި ފުރަތަމަ އިސްކަންދޭނީ ހއ އަތޮޅުގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކަށެވެ. ހއ އަތޮޅުން މަސައްކަތް ކުރާނޭ ފަރާތެއް ނުވެއްޖެނަމަ ރާއްޖޭގެ އެހެން ކުންފުންޏަކަށް ދޭނީއެވެ. ރާއްޖެއިން ބޭރުގެ ކުންފުންޏަކަށް މަސައްކަތެއް ލިބޭނީ މިއިން އެއްވެސް ގޮތަކަށް އެކަމެއް ނުވެއްޖެނަމައެވެ. އާދެ! އަތޮޅުތެރޭގެ ކުންފުނިތައް ދިރުނީއެވެ. މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނީ "ތޮޅިވަންދޫ" ރިސޯޓް ލިމިޓެޑުންނެވެ. މަސައްކަތުގެ ބާވަތާއި، ހަވާލުކުރެވުނު ފަރާތާއި، ނިންމަން ޖެހޭ ތާރީހުތައް ރައްޔިތުންނަށް ފެންނަންވާނެއެވެ. އަދި، މި މަސައްކަތްތައް ހަވާލުކުރުމަށް ހއ އަތޮޅުން ހޮވާލެވޭ ދާއިމީ މުއައްޒަފުން ނޫން، އަތޮޅު "ގަބޫލުކުރާ" ބައެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް "ތޮޅިވަންދޫ" ރިސޯޓް ލިމިޓެޑުގައި އޮންނަންވާނެއެވެ. ވައްކަން މަދުކުރަން އެބަޖެހޭތާއެވެ.
ރިސޯޓު ތައްޔާރުވުމުން މުއައްޒަފުން ނަގައި ތަމްރީނުކުރަން ފަށަންވީއެވެ. މުއައްޒަފުން ނަގާއިރު ހުރިހާ މަގާމަކަށް ފުރަތަމަ އިސްކަންދޭންވާނީވެސް ތިލަދުންމައްޗަށް ނިސްބަތްވާ ރައްޔިތުންނަށެވެ. ތިލަދުންމަތިން އެމަގާމަކަށް ކުފޫހަމަވާ މީހަކު ނުލިބިއްޖެނަމަ، ދެން ހުޅުވާލާނީ މުޅި ރާއްޖެއަށެވެ. ބީދޭސީއަކަށް ފުރުސަތު ލިބޭނީ މުޅި ރާއްޖޭގައި އަތްފުނާއަޅައިގެން ވެސް ދިވެއްސަކު ނުލިބިއްޖެނަމައެވެ. މިކަމުން ހާސިލުވާ އެންމެބޮޑު ފައިދާއަކީ، އަތޮޅަށް ނިސްބަތްވާ މުއައްޒަފުންނަށް، ރަށާއި ކައިރީގައި އުޅެވި، ޑިއުޓީ ނިމުމުން އާއިލާ ކައިރިއަށް ދިއުމުގެ ފުރުސަތު ފަހިވުމެވެ. މީގެ އިތުރުން ރަށުތެރެ ކުނިކެހުން ފަދަ ކަންކަމަށް ހެނދުނުއައިސް މެންދުރުފަހު ފުރާގޮތަށް ދިވެހި ކަނބަލުންނަށްވެސް ފުރުސަތު ދެވިދާނެއެވެ. މިކަން މިމަގަށް ކުރުމުން މިހާރު މިސިނާއަތުގައި ވަކިހިއްޕާލާފައިވާ ބިދޭސީންނާހެދި ދިވެހިންނަށް ނުލިބޭ ވަޒީފާތައް، ދިވެހިންނަށް ލިބުމުގެ ފުރުސަތުވެސް ފަހިވީއެވެ. އާދެ! ނައިޓަށް ރަށަށް ދެވުމުގެ ފުރުސަތުވެސް ލިބުނީއެވެ. އަދި އެއަތޮޅަކުން އެއަތޮޅެއްގެ މީހުންނަށް ވަޒީފާ ލިބުނީއެވެ.
"ތޮޅިވަންދޫ" ރިސޯޓަށް ގަންނަންޖެހޭ ސަޕްލައި ގަތުމުގައިވެސް އިސްކަންދޭނީ ހއ އަތޮޅުގައި ރަޖިސްޓަރީކޮށްފައިވާ ކޯޕަރޭޓިވްތަކަށާއި، ކުންފުނި ތަކަށެވެ. އެހެން ކުންފުންޏަކަށް ވިޔަފާރިއެއް ދޭނަމަ ދެވޭނީ މިއަތޮޅުގެ ކުންފުންޏަކަށް އެކަން ނުވެއްޖެނަމައެވެ. ބޭރުގެ ކުންފުންޏަކަށް ވިޔަފާރިއެއް ލިބޭނީ ދިވެހި ކުންފުންޏަކަށް ނުވެއްޖެނަމަ ވަރައްހާއްސަ ހާލަތެއްގައި އެކަންޏެވެ. މިގޮތުން ކެލާގެ ދަނޑުގައި ހައްދާ ތަކެތި ސަޕްލައި ކުރެވޭނެއެވެ. ހުވަރަފުށީ ފަރުމަސްވެރިންނަށް އެތަކެތި ވިއްކޭނެއެވެ. އިހަވަންދޫ މަސްވެރިންނަށް މަސްވިއްކޭނެއެވެ. ފިއްލަދޫ ދާނި ހަދާ މީހަކުނަމަ، ދާނިހަދާފައި ވިއްކޭނެއެވެ. އުތީމުގައި ރޯނުވަށާ މީހަކަށް އެތަކެތި ވިއްކޭނެއެވެ. ބާރަށުގައި ފަންގިވިޔާ މީހަކަށް އެތަކެތިވެސް ވިއްކޭނެއެވެ. ތުރާކުނުގައި ޓޯޓް ބޭގު ހަދައިގެން ވިއްކާ ޒުވާނާއަށް އެފުރުސަތުވެސް ދެވޭނެއެވެ. ދިއްދުއަށް ނިސްބަތްވާ ބޮޑުބެރު ގުރޫޕަށް އެފުރުސަތުވެސް ލިބޭނެއެވެ. އާދެ! މިލިޔަނުން މިލިޔަނުން ބޭރުގެ ކުންފުނިތަކަށް މިހާރުދޭ ވިޔަފާރި ދިވެހި ޖީބުތަކަށް ވަނީއެވެ. ދިވެހިންގެ އުފެއްދުންތެރިކަން އިތުރުވެސް ކުރެވުނީއެވެ. ދިވެހިވަންތަކަން ވިއްކުނީއެވެ. ހިސާބަކަށް ޑޮލަރު ބޭރުވާވަރުވެސް މަދުކުރެވުނީއެވެ.
"ތޮޅިވަންދޫ" ރިސޯޓަށް ލިބޭ ޑޮލަރަކީ ސީދާ ދިވެހި ދައުލަތުގެ ތިޖޫރީތަކަށް ވަންނަ ޑޮލަރުކަމުން، މަހުޖަނުންގެ ކަންޓްރޯލް މިކަމުން ނެގުނީއެވެ. ރާއްޖޭގެ އެންމެ މުއްސަނދިންގެ ގޮތުގައި ތިބެގެން ރާއްޖޭގެ ސިޔާސީކަންކަމުގައި ރިސޯޓު މަހުޖަނުން މިހާރު އެ ދައްކާބާރާއި، އޮންނަ ނުފޫޒުން ސަލާމަތްވެ، ސިޔާސީވެރިން ހިސާބަކަށް މިނިވަންވީއެވެ. ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން މަހުޖަނުން ރުއްސާކަށް ނުޖެހޭނެއެވެ. ރިސޯޓު ކުލި ނުދައްކާ، ޓެކްސް ނުދައްްކާ އުޅޭ ރިސޯޓު މަހުޖަނުންނަށް ފިޔަވަޅުއަޅަން ޖެހިލުންވާކަށް ނުޖެހޭނެއެވެ. ޑޮލަރުގެ ބިރު ދައްކައިގެންނާއި، މުއައްޒިފުންނަށް ބިރުދައްކައިގެން ސަރުކާރަށް ކުރާ ޕްރެޝަރު ހުއްޓުވުނީއެވެ. އާދެ! ޑޮލަރު މިނިވަން ކުރެވުނީއެވެ. ސިޔާސީވެށިވެސް ހިސާބަކަށް ސާފުކުރެވުނީއެވެ. މިއީ ފުރިހަމަ މާނައިގައި ދިވެހިން، ދިވެހި ބޭންކު ނިޒާމުގެ ތެރޭގައި ދެފުށް ފެންނަގޮތަށް ހިންގާނެ ރިސޯޓެއްކަމުން، ކޮޓަރި ވިއްކާއިރު، ކޭމަން އައިލެންޑްގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ކުޑަ އަގުގައި ކޮޓަރި ވިއްކާފައި، އެކުންފުނިން ޓުއަރ އޮޕަރޭޓަރަށް ބޮޑުއަގުގައި ވިއްކައިގެން، ޓެކުހަށް ހަދާ މަކަރު ހުއްޓުވޭނެއެވެ. އާދެ! ދައުލަތަށް ޓެކްސް ލިބޭވަރު އިތުރުވީއެވެ.
ރިސޯޓު ހިންގުމަށް ބޭނުންވާ އެކި މަސައްކަތްތައްވެސް ހަވާލުކުރެވެންވާނީ އަތޮޅުތެރޭގައި ހުޅުވާލެވޭ ބިޑު ތަކަކުންނެވެ. މިސާލަކަށް ކުނި އުކާލުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުން، ޑައިވް ސެންޓަރު ހިންގާނެ ބަޔަކު ހޯދުން، ސުވެނިޔަރު ފިހާރަ ހިންގާނެ ފަރާތެއް ހޯދުން ހިމެނިދާނެއެވެ. އަދި މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ސަގާފަތް ދައްކުވައިދިނުމަށް ހިންގޭ ހަރަކާތްތަށްވެސް ވަކިވަކި ރަށްރަށަށް ދެވިދާނެއެވެ. އަދި ޝެޑިއުލަކަށް ބަހާލައިގެން ހުރިހާ ރަށަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަކަށް ގެންދެވިދާނެއެވެ. އާދެ! ފުރިހަމަ މާނައިގައި ދިވެހި ރައްޔިތުންގެ ބައިވެރިވުމާއިއެކު މިވިޔަފާރި ހިންގުނީއެވެ.
މިވިޔަފާރި ރަނގަޅަށް ދާނަމަ، 2ވަނަ ރިސޯޓަކަށް އިންވެސްޓު ކުރާނީއެވެ. އަދި މި ވިޔަފާރިން ލިބޭ ނަފާއިން އަތޮޅުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކަށް ހަރަދު ކުރާނީއެވެ. މައި ސަރުކާރުން ރާވާ މަޝްރޫއުތަކުގެ އިތުރުން އަތޮޅު ލެވެލްގައި މަޝްރޫއުތައް ހިންގައި މައިސަރުކާރަށް، އާދެ! ސިޔާސީވެރިންނަށް ބަރޯސާވާވަރު މަދުވެ، ހަގީގީ މާނައިގައި ލާމަރުކަޒު ވީއެވެ.
ރާއްޖެއަކީ ވަސީލަތްތައް މަދު ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެކެވެ. އެއީ މިގައުމުގެ އެންމެބޮޑު ރައުސުލްމާލެވެ. ގައިމު ރަށްރަށް ދޫކުރަމުން ދޫކުރަމުންގޮސް ކޮންމެވެސް ދުވަހަކުން އެ ހުސްވާނެތާއެވެ. މިގޮތަށް ދޫކުރަނީނަމަ، ގިނަތަންތަން ހުންނާނީ ދިވެހި މުޅި ރައްޔިތުންގެ ބާރުނުފޯރާގޮތަށް ކުއްޔަށްދީފައެވެ. ދިނުން މައްސަލައެއްވެސް ނޫނެވެ. މައްސަލައަކީ ދީގެން އަހަރެމެންނަށް ލިބޭ މިންވަރެވެ. މަތީގައިވާ މަޝްރޫއުގެ ބޭނުމީ މީގެ އެއްމެ ބޮޑު ފައިދާއެއް ސީދާ ރައްޔިތުންނަށް ލިބޭނެގޮތެއް ހެދުމެވެ.
ލޯޑް ކުރަނީ…
އިޖުތިމާއީ މައްސަލަ
"ގައިމު އަހަރެމެން ކުޑައިރު މަންމަމެން ކިޔަނީ ރަނގަޅު ވަޒީފާއެއް ލިބޭނީ ރަނގަޅަށް ކިޔަވައިގެން ކަމަށެވެ. ނަމަވެސް، މިހާރު މުޅި ރާގު ބަދަލުވެ، ލަވަ ބަދަލުވެ މަންމަވެސް އެ ހުންނަނީ ދަރިގޮވައިގެން، ދަރިއަށް ކުފޫ ހަމައެއްގޮތަކަށްވެސް ހަމަނުވާ، މީހާގެ ފައިގެ ސައިޒަށްވުރެ މާބޮޑު ބޫޓަކަށް އަރުވައިގެން ނުކުމެއެވެ. "
ނިޒާމު
"އޮޅުވާލުމަކީ މިއެވެ. އެމީހަކު ހުރި ރަށެއްގައި، އާބާދީ ކިތަންމެ ކުޑަޔަސް އުޅެވޭނެ ގޮތަށް ތަރައްގީ ކުރުމަކީ މިގައުމަށް ކެތްވާނެ ކަމެއް ނޫނެވެ. މީހުން ނެތް ތަނެއްގައި ހިދުމަތެއް ނުދެވޭނެއެވެ. ހުރިހާ ކަމަކަށް ބޮޑު ހަރަދު ކުރަންޖެހޭ މިޒަމާނުގައި، "އިކޮނޮމީސް އޮފް ސްކޭލަށް" ނުބަލައި އުޅެން ދިމާކުރުމަކީ އޮޅުވާލުމެކެވެ."
ސިޔާސީ
"އެމްޑީޕީ ރަޖިސްޓަރކުރީ 26 ޖޫން 2005 ގައެވެ. ދެނަކާއިދެނެއް ނެތެވެ. ނުކިޔަވާ ތިބި ހުރިހާ އެންމެނާއި، ވަގުންނާއި، ޓައީ އަޅާހިތްވެ ނޭޅިފައި ތިބި ހުރިހާ އެންމެނާއި ރަނގަޅަށް ޒުވާބުކުރަން އެނގޭ އެންމެންނާއި މިކަހަލަ އެތައް ބަޔަކު ކުރަންތިބި ހުރިހާ ކަމެއް ދޫކޮށް މިކަމުގެ ތެރޭގައި ވަކިހިއްޕާލައިފިއެވެ."